މެޑިކަލް ނުހަދާ ބިދޭސީންނަށް ރާއްޖެ އަށް އާދެވޭ ގޮތަށް އޮންނާތީ އެޗްޕީއޭ އިން އިއްޔެ ކަންބޮޑުވެއްޖެ އެވެ.
އެ އެޖެންސީގެ ސީނިއާ ޕަބްލިކް ހެލްތު އޮފިސަރު އަބްދުލް ހަމީދު "މިހާރު" އަށް ވިދާޅުވީ ހެލްތު މިނިސްޓްރީން އަބަދު ވެސް ލަފާދެނީ ރާއްޖެ އަށް ގިނަ ދުވަހަށް މަސައްކަތްކުރަން އަންނަ ބިދޭސީންނަށް ހުއްދަ ދިނުމުގެ ކުރިން މެޑިކަލް ސްކްރީނިން ހެދުމަށް ކަމަށެވެ.
ނަމަވެސް، މީގެ ކުރިން ހަރުދަނާ ގޮތެއްގައި ބަލަހައްޓަމުންދިޔަ އުސޫލު މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަދަލުކޮށް، މެޑިކަލް އެއްވެސް ކަމަކަށް ނުބެލުމަކީ ކަންބޮޑުވުމެއް ކަމަށް، އާއްމު ސިއްހަތު ކުރިއަރުވަން އުފައްދާފައިވާ ގައުމީ އިދާރާއިން ބުންޏެވެ.
"ވަރަށް ކަންބޮޑުވާނެ ކަމެއް. އެއީ ރާއްޖޭގައި، އަޅުގަނޑުމެން އެދޭ ގޮތަކީ ރާއްޖެ އަންނަ ކޮންމެ ބިދޭސީއެއް ވެސް ހުންނަން ވާނީ ކަނޑައެޅިފައިވާ ވަކި މެޑިކަލް ސްކްރީނިންއެއް ކޮށް ނިމިގެންނޭ،" ހަމީދު ވިދާޅުވި އެވެ.
ބިދޭސީން ވިސާ އަށް ހުށަހަޅާއިރު މެޑިކަލް ހުށަހެޅުން ހުއްޓާލިތާ ދެ އަހަރު ވީއިރު، ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިޔާ ޖެހިފައި ތިބި ބިދޭސީ ބަޔަކު މި ފަހުން ވަނީ ހދ. ކުޅުދުއްފުށިން ވެސް ފެނިފަ އެވެ. އެކަމަކު، އެއީ، ބިދޭސީން މެޑިކަލް ހެދިއިރު ބެލި ކަމަކަށް ނުވިޔަސް، އެއީ ވެސް މަދިރީގެ ޒަރިއްޔާއިން ގައިންގަޔަށް އަރާ ބައްޔަކަށް އެކަމުގެ ނުރައްކާ ބޮޑެވެ.
ރާއްޖެ އަށް ބިދޭސީ މަސައްކަތު މީހުން ގެނައުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެ އަށް މަސައްކަތްކުރަން އެތެރެވާ ބިދޭސީން އަހަރަކު އެއްފަހަރު މެޑިކަލް ހުށަހަޅަން ޖެހެ އެވެ. އެހެން ނޫނީ، ވޯކް ޕާމިޓް އާ ކޮށެއް ނުދެ އެވެ. ރާއްޖެ އެތެރެވުމުގެ ކުރިން އެ މީހެއްގެ ޕޮލިސް ރިޕޯޓު ހުށަހަޅައި އެޕްރޫވަލް ހޯދައި، ރާއްޖެ އެތެރެވާތާ ތިން މަސް ދުވަސް ތެރޭގައި ސަރުކާރުން އެޕްރޫވް ކޮށްފައިވާ ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން މެޑިކަލް ރިޕޯޓެއް ހުށަހަޅަން ޖެހެ އެވެ. އެކަމަކު، މެޑިކަލް ރިޕޯޓު ހުށަނޭޅިޔަސް ސަރުކާރުން ގެންދަނީ ވޯކްޕާމިޓް ދޫކުރަމުންނެވެ.
ބިދޭސީންގެ ކަންތައް ބަލަހައްޓާ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މެޑިކަލް ސްކްރީނިންއާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމައި އިއުލާންކުރާނެ ކަމަށެވެ.