ކ. ފުށިއްގަރުފަޅު، "ރަސް-މާލެ"ގެ ނަމުގައި ތަރައްގީކުރަން، ބިން ހިއްކުމުގެ ބިޔަ މަޝްރޫއު މިއަދު ފަށައިފި އެވެ.

ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މަޝްރޫއު ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ފަޅުގައި އޮތް ބާޖެއްގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަލަށް ތަރައްގީކުރާ ސިޓީގެ ބޮޑުމިން ތަފްސީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ، އަށް މަސް ދުވަހުގެ ތެރޭގައި އެ ބޮޑު ފަޅު ހިއްކައި ނިމުމުން މުޅި ހުޅުމާލޭގެ ތިން ގުނަ ބޮޑުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މަޝްރޫއާއެކު މާލޭގެ ރައްޔިތުންނަށް ޒަމާންތަކެއް ވަންދެން ދިމާވަމުން ދިޔަ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން މާލޭގައި އުޅޭ އެހެން ރަށްރަށުގެ މީހުންނަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން، ރަސް އެންމެ ބޮޑު ބިން. މި ތަނަށް އަޅުގަނޑުމެން ކިޔާނީ ރަސްމާލެ. ރަސްމާލެ ބިންހިއްކުމުގެ މަޝްރޫއު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަށަނީ." އެ މަނިކުފާނު ވިދާޅުވި އެވެ

ގޯއްޗާއި ފްލެޓު ހިމެނޭގޮތަށް، "ރަސްމާލެ"ގައި 65،000 ހައުސިން މަޝްރޫއު ކުރިއަށްގެންދާނެ އެވެ. އެ ތަން ތަރައްގީކުރާނީ ސޭފް އައިލެންޑެއްގެ ގޮތުގައި، މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"....މި ފުށިދިއްގަރު ފަޅުގައި ހިއްކޭ ބިން ހިއްކިގެން ދިއުމުން މާލޭގެ ރައްޔިތުންނަށް ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް ގެދޮރުގެ މައްސަލައަށް ދާއިމަށް އެ މައްސަލަ ހައްލުވެގެންދާނެ، ހައްލުކޮށްދޭނަން މި ތަނުން. އަދި މޭލޭގައި އުޅޭ އެހެން ހުރިހާ ރައްޔިތުންނަށް ވެސް ހަމަ އެ ހައްލު މި ތަނުންނާއި ދެންމެ މި ދެންނެވި ބިންތަކުންނާ އެކު އެކީގައި ހައްލުކޮށްދޭނަން. ހައްލުވެގެންދާނެ އިރާދަކުރެއްވިއްޔާ،"

"65،000 ހައުސިން ޔުނިޓު، އެއީ ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް މި ޑިވެލޮޕްމަންޓުގެ ތެރޭގައި ގާއިމްކުރުމަށް ޕްލޭން ކުރެވިފައި މި ވަނީ."

ރައީސް ވިދާޅުވި ގޮތުގައި ފުށިދިއްގަރު ފަޅު ހިއްކަނީ މެދަށް ތިން މީޓަރު އުސްމިން އަދި އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްވާނެ ކަމަށެވެ. އޭގެ އިތުރުން ރަސްމާލޭ ތަރައްގީކުރާނީ ފެހިކަން ގަދަ އަދި ހިތްގައިމު މާހައުލެއް ލިބޭ ގޮތަށް ޒީރޯ ކާބަން ސިޓީއެއްކަން ފާހަގަކުރެއްވި އެވެ.