ސުއޭޒް ކެނަލްގައި ބިޔަ ކޮންޓެއިނާ ބޯޓެއް ހުރަސްވެ އެ ކެނަލް ބަންދުވި ކޮންމެ ދުވަހަކު މިސްރަށް 12-15 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީ (އެސްސީއޭ) އިން ބުނެފި އެވެ.
ދެ ލައްކަ ޓަނުގެ އެމްވީ އެވަ ގިވަން ފުންކުރަން އުޅުމުގެ ތެރޭގައި ކެނަލަށް ވެސް ވަނީ ބައެއް ގެއްލުން ލިބި މަރާމާތު ކުރަން ޖެހިފަ އެވެ.
ކްރެޑިޑް ރޭޓިން އެޖެންސީއެއްގެ ބޭފުޅަކު ވިދާޅުވީ އެ ގެއްލުމުގައި ބައެއް ޕާޓްނަރުންގެ ޒިންމާ އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި ކެނަލްގައި ތާށިވި އެމްވީ އެވަ ގިވަންގެ ޖަޕާނުގެ ވެރި ފަރާތާއި އެ ބޯޓު އޮޕަރޭޓް ކުރާ ޓައިވާނުގެ ކުންފުނީގެ އިތުރުން ކެނަލް އޮތޯރިޓީ ހިމެނެ އެވެ. ސަބަބަކީ ކެނަލްގައި ބޯޓުތައް ދުއްވާ އިރު ތިބެނީ މިސްރުގެ ކެޕްޓަނުން ކަމަށްވާތީ އެވެ.
ސުއޭޒް ކެނަލްގައި އެވަ ގިވަން ހުރަސްވެ ކެނަލް ބަންދުވި ހަފުތާއެއްހާ ދުވަހު ތެރޭ މެޑިޓެރޭނިއަން އާއި ރަތް ކަނޑުން ކެނަލް ހުރަސްކުރަން މިސްރާބު ޖަހާފައިވާ 400 ވަރަކަށް ބޯޓު ތާށިވި އެވެ. ސުއޭޒް ކެނަލްގައި އެވަ ގިވަން ތާށިވުމުން އޭޝިއާ އިން ޔޫރަޕަށް ދަތުރުކުރާ ބައެއް ބޯޓުތައް ވަނީ އެފްރިކާ ވަށާލާފައި ކުރާ ދިގު ދަތުރަށް ނުކުމެފަ އެވެ. އެ ރޫޓުން ދަތުރުކުރާ ނަމަ 9،000 ކިލޯމީޓަރު (5،500 މޭލު) އިތުރުވެ ދަތުރުގެ މުއްދަތު ވެސް ދެ ހަފުތާއަށް ދިގުވެ އެވެ.